މާލެއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ބިމުގެ ނިސްބަތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސިޓީއެވެ. މާލޭގެ ބިމުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބި ދިގުލައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ކުދި ކުދި ބައިތަކަށް ބަހައި ދަރިންނަށް ދޭން މަޖުބޫރުވެގެން ދިޔައެވެ. އަދި ބޮޑެތި އާއިލާތައް ކުދި ކުދި ތަންތަންކޮޅުތަކުގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ ގޮތުން ބޮޑެތި މައްސަލަތަކާއި މާލޭގެ އާބާދީ ވަނީ ކުރިމަތިލާންޖެހިފައެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމުގެ މަސައްކަތަކީ މީގެ އެތަކެއް އަހަރެއް ކުރިއްސުރެ ސަރުކާރުން އެކި ގޮތްގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަކެވެ. އެގޮތުން މާލޭގެ ބިން ހިއްކުމާއި، ކ. ވިލިނގިލި އަކީ މާލޭގެ އަވަށެއް ކަމުގައި ހަމަޖައްސަވައި އެރަށް އާބާދުކުރެވުނެވެ. އެއާއެކު ޗައިނާ ސަރުކާރުގެ އެހީގައި ސިނަމާލެ 1، 2، 3، އަދި 4 ޢިމާރާތް ކުރައްވައި ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިތިބި ފަރާތްތަކަށް ދެވުނެއެވެ. މިދެންނެވި ކަންކަމުންވެސް މާލޭގެ ބޯހިޔާވަހަކަމުގެ މައްސަލަ އިތުރަށް ގޯސްވަމުން ދިއުމާއެކު ހުޅުލޭފަޅު ހިއްކައި ހުޅުމާލެ ތަރައްޤީ ކުރައްވަން ފެއްޓެވިއެވެ. ހުޅުމާލެއިން ގޯތި ދޫކުރުމާއި، ރޯހައުސް އަދި ފްލެޓް ޢިމާރާތްކޮށް ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިތިބި ފަރާތްތަކަށް ޚާއްސަކޮށްގެން ސްކީމްތަކެއް ވަނީ ހިންގިފައެވެ. އަދި މިހާރުވެސް ދަނީ ހިންގަމުންނެވެ. މިގޮތުން ކޮންމެ ފަހަރެއްގައިވެސް ބޭނުންކުރެވޭ އުޞޫލުތަކާއި މިންގަނޑުތައް ބަދަލުވަމުންދިއުމާއި ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ލިބެނީ އެންމެ ހައްޤު ފަރާތްތައް ނޫންކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރެވެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ލަފައާއި ޢާންމުންގެ ޚިޔާލާއެކު ހިންގޭ މަޝްރޫޢުތަކަކަށް ވެއްޖެނަމަ އާންމުންގެ ފަރާތުން ކުރާ ޝަކުވާ ކުޑަކޮށް، ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ފޯރާފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ. މި ޕްރޮގްރާމްގެ އުޞޫލުތައް ކަޑައެޅިފައިމިވަނީ ކަމާބެހޭ ހުރިހާ ދާއިރާތަކެއް ހިމެނޭ ގޮތުން އެކުލަވާލެވިފައިވާ ސޯޝަލް ހައުސިންގ ޓެކްނިކަލް ކޮމިޓީގެ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންނެވެ. އަދި މި ޕްރޮގްރާމްގެ އުޞޫލުތަކަށް ޢާންމުންގެ ޚިޔާލު ހޯދިފައިވެއެވެ.
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވާންޖެހޭނީ އެމަޝްރޫޢެއްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭ ފަރާތްތަކަކީ އެކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށެވެ. މި ޕްރޮގްރާމަކީ މީހުން ދިއިރުޅޭ ޙާލަތަށް ބަލައިގެން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ޕްރޮގްރާމެކެވެ.
"ގެދޮރުވެރިކުރުން" މި ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކުރެވޭ ފްލެޓްތަކުގެ ސްކީމް ބަހާލެވިފައިވަނީ 3 ކެޓަގަރީ އަކަށެވެ.- ކެޓަގަރީ 1 ޚާއްޞަކުރެވިފައިވަނީ މާލޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް ހިމެނޭނީ މިކެޓަގަރީގައެވެ. މި ކެޓަގަރީގެ ޝަރުޠުތަކެއްގެ ގޮތުގައި ކަޑައަޅާފައިވަނީ؛ މާލޭގެ ރަށްވެއްސަކަށްވުން، ޢުމުރުން 18 އަހަރުވެފައިވުން، ތިމާއަށް، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން ނުވަތަ މަންމަ ނުވަތަ ބައްޕަ ފަރާތުން މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބެން ނެތުން ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން، 600 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާގެ އެއްމެދު ފްލެޓެއް ލިބިފައި ނެތުން، އަދި މާލެއިން ލިބިފައި އޮތް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި މީހަކަށް ދީ ވިއްކާލާފައި ނުވުމެވެ. މި ކެޓަގަރީގައި ޕޮއިންޓްދިނުމުގައި ބަލާނީ މާލޭގައި ރަށްވެހިވެފައިވާ މުއްދަތަށާއި، 18 އަހަރުން ދަށުގެ ދަރިންނަށާއި، މާލެއިން އެމީހެއްގެ، އަދި އެމީހެއްގެ މައިންބަފައިންގެ އަދި އަނބި/ފިރިމީހާގެ ބޯހިޔާވަހިކަން ހުރި މިންވަރަށާއި އަދި އެމީހެއްގެ ދިރިއުޅުމުގެ ޙާލަތަށެވެ.
- ކެޓަގަރީ 2 ޚާއްޞަކުރެވިފައިވަނީ ރަށްރަށުގެ ރަޖިސްޓްރީގައި ތިބި، ނަމަވެސް ދިރިއުޅުން މާލެއަށް ބަދަލުކޮށްގެން މާލޭގައި ގިނަދުވަހު ދިރިއުޅެމުން ގެންދާ ފަރާތްތަކަށެވެ. މި ކެޓަގަރީގެ ޝަރުޠުތަކެއްގެ ގޮތުގައި ކަޑައަޅާފައިވަނީ؛ މާލޭގެ ދިރިއުޅޭތާ 5 އަހަރުވެފައިވުން، ޢުމުރުން 18 އަހަރުވެފައިވުން، ތިމާއަށް، ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން ނުވަތަ މަންމަ ނުވަތަ ބައްޕަ ފަރާތުން މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބެން ނެތުން ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން، 600 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާގެ އެއްމެދު ފްލެޓެއް ލިބިފައި ނެތުން، އަދި މާލެއިން ލިބިފައި އޮތް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި މީހަކަށް ދީ ވިއްކާލާފައި ނުވުމެވެ. މި ކެޓަގަރީގައި ޕޮއިންޓްދިނުމުގައި ބަލާނީ މާލޭގައި ވަޒަންވެރިވެފައިވާ މުއްދަތަށާއި، 18 އަހަރުން ދަށުގެ ދަރިންނަށާއި، މާލެއިން އެމީހެއްގެ އަދި އެމީހެއްގެ މައިންބަފައިންގެ އަދި އަނބި/ފިރިމީހާގެ ބިންވެރިކަން ހުރި މިންވަރަށާއި އަދި އެމީހެއްގެ ދިރިއުޅުމުގެ ޙާލަތަށެވެ.
- ކެޓަގަރީ 3 ޚާއްޞަ ކުރެވިފައިވަނީ މާލޭގެ ބިމުގެ ދަތިކަމުގެ ސަބަބުން ދަތި ޙާލުގައި ދިރިއުޅޭ ބިންވެރި ޢާއިލާތަކަށް ލިބިފައިވާ ބިން ދައުލަތަށް ލިބޭ ގޮތަށް، އޭގެ ބަދަލުގައި އެ ގޯއްޗެއްގެ މިލްކުވެރިކަމުގައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭ އުޞޫލުން ހިންގޭ ކެޓަގަރީއެކެވެ. މި ކެޓަގަރީއިން ފްލެޓް ލިބޭ ފަރާތްތަކަށް އެފަރާތަކުން ދޫކޮށްލާ ބިން އަގުކޮށް އެ އަގު ފްލެޓްގެ އަގުން ކަނޑައިދެވޭނެއެވެ. ބިމުގެ އަކަފޫޓަކަށް ޖެހޭ އަގު ކަޑައެޅިފައިވަނީ ދޫކޮށްލަން ހުށަހަޅާ ގޯތީގެ ސައިޒުގެ ނިސްބަތުންނެވެ. ބިން އަގުކުރި ނަމަވެސް ދޫކޮށްލާ ގޯތީގައި ކޮށްފައިވާ ޢިމާރާތަކަށް އިތުރު ބަދަލެއް ނުލިބޭނެއެވެ. މި ކެޓަގަރީގައި ޝަރުޠުތަކަކީ 18 އަހަރުފުރިފައިވުން، 600 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއްގެ މިލްކުވެރިންކަމުގައިވުން އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކޮށްފައިވާ ގޯއްޗެއް، ފްލެޓެއް ނުވަތަ ރޯ ހައުސްއެއް ތިމާއަށް ލިބިފައިނުވުމެވެ. ދޫކޮށްލަން ހުށަހަޅާ ބިމުގެ މިލްކުވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއް މިއިން ޝަރުތަކަށް ނުފެތޭ ނަމަ އެފަރާތަކަށްވާ ބިމުގެ އަގު ލިބޭގޮތަށް އެއްބަސްވާނަމަ، އެބިމުގެ މިލްކުވެރިކަމުގައި ދެންތިބި ފަރާތްތައް ބެލެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކެއްގެ ގޮތުގައެވެ. މިކެޓަގަރީ ގައި ބަލާނީ ދޫކޮށްލާ މުޅި ގޯތީގެ ސައިޒަށާއި، ގޯތީގެ މިލްކުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ލިބޭ ބިމުގެ މިންވަރަށެވެ.